މިނސްޓަރ ގެ ޚިތޯބު

ވަޒީރު ޑރ. މަރްޔަމް މާރިޔާ

ދަނޑުވެރިކަމާއި ދިރޭތަކެއްޗަކީ އަޅުގަނޑުމެންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ވަރަށް މުހިންމު ދެ ވަސީލަތެވެ.

އޭގެތެރެއިން ދަނޑުވެރިކަމަކީ އަޅުގަނޑުމެންގެ ކާބޯތަކެތީގެ މައިގަނޑު ވަސީލަތެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ފެންނަމުންދާ ޙަޤީޤަތަކީ ކާބޯތަކެއްޗަށް މި ދުނިޔެ ބަރޯސާވެފައިވާ މިންވަރެވެ. އެއާއެކު ކާބޯތަކެއްޗަށް އަޅުގަނޑުމެން ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު ވެސް މިހާރުވަނީ އިތުރުވެފައެވެ. މިކަން ކުޑަކުރުމާއެކު، އަޅުގަނޑުމެންނަށް މިހާރު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުންކަމުގައިވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް އެންމެންގެ ޒިންމާއެއްކަމުގައި ދެކިގެން، އަމިއްލަ މަސައްކަތުން ކާބޯތަކެތި އުފައްދަން މަސައްކަތް ކުރަންޖެހެއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވައި، އަޅުގަނޑުމެން އަމިއްލައަށް ފުދުންތެރިވުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ކާބަފައިން އެބައިމީހުންގެ ކެއިންބުއިމަށް ބޭނުންވާ ބާވަތްތައް އުފައްދަމުންދިޔައީ ދައު އޮހޮރުވައިގެން، ބުރަ މަސައްކަތުން އަމިއްލަ ބިންތަކުގައި މުޑުވައްކޮށް ގޮވާންކޮށްގެންނެވެ. އެހެންކަމުން ދަނޑުވެރިކަމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ އަގުހުރި މަސައްކަތުން އަޅުގަނޑުމެންނާ ހަމައަށް ވާސިލުވެފައިވާ އަގުހުރި ތަރިކައެކެވެ. މި ތަރިކަ ދިރުވައި، ޒަމާނީ ވަސީލަތްތަކާއެކު އާލާކޮށް، ދެމެހެއްޓެނިވި ގޮތްތަކަށް ބައްޓަންކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ.

ދިރޭތަކެއްޗާ ނުލައި އަޅުގަނޑުމެންގެ ދުނިޔެ ފުރިހަމައެއް ނުވާނެއެވެ. ކޮންމެ ދިރޭއެއްޗަކީވެސް މި ދުނިޔޭގެ ވެށީގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންކަމުން ދިރޭތަކެތި ރައްކާތެރިކޮށް، އެތަކެތީގެ ވެށި ދަފަރާކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމުގައި ދެކެންޖެހެއެވެ. މިއީ އަޅުގަނޑުމެންގެ އަންނަށް އޮތް ޖީލުތަކަށް ދުޅަހެޔޮ ކުރިމަގެއް ހޯދުމަށް ވަރަށް މުހިންމު ގޮތެކެވެ.

ދަނޑުވެރިކަމާއި ދިރޭތަކެތި ގުޅިފައިވާ މިންވަރު ވިސްނާލާނަމަ، ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތަކުން ދިރޭތަކެއްޗަށް ނޭދެވޭ އަސަރުކުރެއެވެ. އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި، ރައްކާތެރި ގޮތެއްގައި ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތްތަކެއް ކުރަންޖެހެއެވެ. އޯގަނިކް ދަނޑުވެރިކަމަށް އަހުލުވެރިވެ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަނގަޅު ނަތީޖާ ހާސިލުކުރެވިދާނެއެވެ.

އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ނިސްބަތުން ދަނޑުވެރިކަން ކުރިއެރުވުމާއެކު ދިވެހިންގެ އުފެއްދުންތައް އިތުރުކުރުކޮށް އަޅުގަނޑުމެންގެ ޒުވާނުންނަށް ދަނޑުވެރިކަމުގެ ދާއިރާއިން ފަހި ފުރުސަތުތައް ހޯދައިދިނުމެވެ.

އަދި ހަމަ އެއާއެކު އަޅުގަނޑުމެންގެ ވެށީގައި އުޅޭ ދިރޭތަކެތީގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ ވެސް އަމާޒަކެވެ.

އަޅުގަނޑުމެންގެ ކާބޯތަކެތީގެ މުސްތަޤުބަލު ބިނާކުރުމުގައި ކޮންމެ ދިވެއްސެއްގެ ދައުރެއް އެބައޮތެވެ. ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަމާ ހިންގަވާށެވެ.

ތިޔަ އެންމެ ބޭފުޅުންގެ ޚިޔާލުފުޅާއި މަޝްވަރާ އަޅުގަނޑުމެންނާ ހިއްސާކޮށްދެއްވާށެވެ. އެކުގައި މަސައްކަތްކޮށްގެން، އަޅުގަނޑުމެންނަށް ފާގަތި މުސްތަޤްބަލެއް ގާއިމުކުރެވިދާނެއެވެ.

މިއަދު އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ މާދަމާގެ ޖީލުތަކަށް އޭގެ ނަތީޖާ ފެންނާނެ ކަމެކެވެ.