28 މޭ 2025
ޖޭމަކީ މަދުން ނަމަވެސް ކެއުމަށް ބޭނުންކުރާ މޭވާ އެކެވެ. އެހެންނަމަވެސް ޚާއްސަކޮށް ކުޑަކުދިންނަށް މިއީ ވަރަށް ގަޔާވާ މޭވާއެކެވެ. މިއީ ގިތިކޮށް ހުންނައިރު ފެހިކުލައިގައި ހުންނަ ދޮންވުމުން، ދީނދޫ އަދި ރަތްކުލަ އަށް ހުންނަ މޭވާ އެކެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފަނި ގިރައިންނާއި، ސަރުބަތު ތައްޔާރުކޮށްގެން، އަދި ޖޭމު ހަދައިގެންނާއި އެހެނިހެން ފޮނި ކާތަކެތި ތައްޔާރުކޮށްގެން ވެސް ޖޭމު ބޭނުންކުރެއެވެ.ޖޭމަށް އިނގިރޭސި ބަހުން ކިޔަނީ Aratilis އެވެ. ޖޭމުގަސް އާންމުކޮށް ހެނދެނީ 3 މީޓަރާއި 12 ދެމެދުގައެވެ. އެހެންނަމަވެސް އެގަހުގެ ގޮފިތަށް ވަށައިގެން ހަތާގަޑެއް ފަދައިން ފެތިފައި އޮވެއެވެ. ޖޭމު މައު ހުންނަނީ ކުދިކޮން، ހުދު ކުލައިގައެވެ.
ދިރާސާތަކުން ދައްކާގޮތުގައި ޖޭމަކީ އޭގައި ސިއްޚީ އެތައް ފައިދާއެއް އެކުލެވޭ މޭވާއެކެވެ. އެގޮތުން ބަނޑުގައި އުފެދޭ ތަދު ނުވަތަ ރިހުން ލުއިކޮށް ކުޑަކޮށްދޭ އެއްޗެކެވެ. އެއީ ތަނދުކެނޑުވުމުގެ ބާރު ޖޭމުގައި އެކުލެވޭތީ އެވެ. އަދި ހަންގަޑު އޮމާންކޮށްދިނުމަށްވެސް އެހީވެދެއެވެ. އަދި ޖޭމުގައި ބެކްޓީރިޔާ ފަދަ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުރެއެވެ.
މީގެއިތުރުން ޖޭމުގައި ހަށިގަނޑަށް ފްލޭވޮނޮއިޑް ފަދަ އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ. ފްލޭވޮނޮއިޑް އަކީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ އެންޓިއޮކްސިޑެންޓެކެވެ. އަދި ޖޭމުގައި ހަކުރުގެ ބާވަތެއް ކަމުގައިވާ ފުރަކްޓޯސް ހުރުމަކީ އެ ބޭނުންކުރުމުން ހަށިގަނޑުގައި ވަރުޖައްސައިދޭނެ ކަމެކެވެ.
ޖޭމުން ލިއްބައިދޭ އިތުރު ފައިދާތަކަށް ބަލައިލާއިރު، އިހުގައި ޖޭމު މަލުގެ ދިޔަ ބަނޑުގެ ރިހުން ލުއިކުރުމަށް ބޭނުންކޮށްފައި ވެއެވެ.
ޖޭމު މަލުގެ ދިޔަ ހަންގަޑު އޮމާންކޮށް މަޑުކުރުމަށް ބޭނުންކޮށްފައި ވެއެވެ. ޖޭމު މާ ޖަރާސީމް މަރައި ނައްތާލާ އެއްޗެއްގެ ގޮތުގައި ބޭނުންކޮށްފައި ވެއެވެ. އޭގެއިތުރުން ބޮލުގައި ރިހުމާއި، އަރިދަފުސް ރޯގާ ގެ އުދަގޫ ކުޑަކުރުމަށް ބޭނުންކޮށްފައި ވެއެވެ.
ހޯދުންތަކުން އެނގެންއޮތްގޮތުގައި އިންޑޮނޭޝިޔާގައި ޔޫރިކް އެސިޑް މަތިވުމުން ކުރިމަތިވާ ހުޅުގެ ބަލިތަކަށް ފަރުވާ ކުރުމަށް ޖޭމު ބޭނުންކޮށްފައި ވެއެވެ. އެހެންކަމުން ޖޭމަކީ ހަށިގަނޑުން ޔޫރިކް އެސިޑް ދަށްކޮށްދީފާނެ އެއްޗެއްކަމަށް ބެލެވެއެވެ.