07 މޭ 2025
ނާރިނގު(ސައިންޓިފިކް ނަން: Citrus sinensis)ނުވަތަ (އިނގިރޭސި ބަހުން: Orange)އަކީ ހުތް މޭވާ އެކެވެ. ދިވެހި ބަހުން އޮރެންޖް، އަދި ފޮނި ލުނބޯ ވެސް ކިޔަނީ ހަމަ ނާރިނގު އަށް ނިސްބަތް ކޮށެވެ. ނާރިނގު ފުރަތަމަ ފެނިފައިވަނީ ދެކުނު އޭޝިޔާގެ ގައުމު ތަކުންނެވެ. ދުނިޔޭގައި މިހާރު އެންމެ ގިނައިން ނާރިނގު ހައްދަނީ ބްރެޒިލްގައެވެ. އެގޮތުން ދުޔޭގެ ބާޒާރަށް ނެރޭ އޮރެންޖުގެ 29 އިންސައްތަ ނެރެނީ ބުރެޒިލް އިންނެވެ. އަދި 17 އިންސައްތަ އުފައްދަނީ ޗައިނާގައެވެ.
އޮރެންޖަކީ ގިނައަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ހުރި މޭވާއެކެވެ. އަދި އަހަރެމެންގެ ތެރޭގައި އޮރެންޖު ބޭނުންކުރާ މިންވަރުވެސް އިތުރެވެ.
ޒަމާނުންސުރެ އޮރެންޖު އަހަރެމެންތެރޭގައި ބޭނުންކުރަނީ ޖޫސްގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރަކަސް އައިސް އޮރެންޖު އެކި ގޮތްގޮތަށް ބޭނުންކުރެއެވެ. މިގޮތުން އޮރެންޖު ތޮށި، ފޮނިކާތަަކެތި ތައްޔާރުކުރުމުގަޔާއި، ސައި ތައްޔާރުކުރުމުގައި ބޭނުންކުރެއެވެ. އަދި އޮރެންޖު ތޮއްޓަކީ ގޭތެރޭގައި މީރުވަސް ހިފެހެއްޓުމަށްވެސް ބޭނުންކުރާ ބާވަތަކެވެ.
މީގެ އިތުރުން އޮރެންޖު ތޮއްޓަކީ ހަންގަޑަށްވެސް ފަރުވާއެކެވެ. މިގޮތުން މޫނުގައި ގިނައިން ބިހި ނަގާނަމަ އޮރެންޖުތޮށި މޫނުގައި ހެކުމުން، އޭގެ ތާސީރުން ބިހިތައް ފިލާ، ހަންގަނޑު އޮމާން ކޮށްދިނުމަށް އެހީވެދޭކަމަށް ތަފާތު ސިއްޚީ ދިރާސާތަކުން ދައްކައެވެ. އަދި އޮރެންޖަކީ ރޯގާ އަށްވެސް ރަނގަޅު ފަރުވާއެކެވެ. އޮރެންޖު ފެނުކެއްކުމަށްފަހު ކެއުމުން ރޯގާގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްވެއެވެ.
އޮރެންޖަކީ ރާއްޖޭގައިވެސް ހެއްދިދާނެ މޭވާއެކެވެ. މިހާރުވެސް ރާއްޖެގެ ބައެއް ރަށްރަށުގައި އޮރެންޖުގަސް ހައްދާފައި ހުރެއެވެ. ނަމަވެސް ދަނޑުވެރިކަމުގައި އޮރެންޖު ގަސް ހައްދާތަނެއް އަދި ނުފެނެއެވެ.