ރާއްޖޭގެ ފުރަތަމަ އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ރަށަކަށް ށ. ގޮއިދޫ

28 އޯގަސްޓު 2025

މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް(އެމްގެޕް) ސެޓިފައިޑް ދަނޑުވެރިންތިބި ރާއްޖޭގެ ފުރަތަމަ ރަށަކަށް ށ. ގޮއިދޫ ވެއްޖެއެވެ.

އެމްގެޕް ސެޓްފިކެޓަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި ޖަޕާން ސަރުކާރާއި ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވުމަށް، އަދި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ފައިދާތަކާއި، ތިމާވެއްޓާ ރައްޓެހި ގޮތުގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރެވުނު މުހިންމު ސްކީމެކެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ (އެމްއޯއޭއޭޑަބްލިއު) އިން އެފްއޭއޯގެ އެހީތެރިކަމާއެކު އެކުލަވާލައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ސެޓްފައިކުރާ މި ސެޓްފިކެޓަކީ ދަނޑުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެށި ބެލެހެއްޓުމާއި، އުފެއްދުންތަކުގެ ފެންވަރާއި، މަސައްކަތްތެރިންގެ ދުޅަހެޔޮކަމާ ގުޅޭ މަތީ މިންގަނޑުތަކަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކޮށްދޭ ސެޓްފިކެޓެކެވެ. މީގެ މަޤްޞަދަކީ ރާއްޖޭގައި އުފައްދާ ތަކެއްޗާމެދު ޢާންމުންގެ އިތުބާރު އިތުރުކޮށް، އެ ތަކެތި ވިއްކުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ދެމެހެއްޓެނިވި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ ނިޒާމުތައް ކުރިއެރުވުމެވެ

ޖަޕާނު ސަރުކާރާއި ދިވެހިރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ފަންޑުކުރާ ޕްރޮޖެކްޓް ފޮރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ (ޕީޑީއެސްއޭއީ) އިން ށ. ގޮއިދޫގެ ދަނޑުވެރިންނަށް ތަމްރީނާއި، އޮޑިޓްތަކާއި، ސެޓްފިކެޓް ހޯދުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މި ސްކީމްގެ ދަށުން ދަނޑުވެރިކަން ކުރުމުގައި ވަށައިގެންވާ މާޙައުލާއި، އަމިއްލަ ސިއްޙަތު އަދި އުފައްދާ ތެކެތީގެ ފެންވަރު ރަގަޅުވާނެކަން ކަށަވަރުކޮށްދެއެވެ. މިގޮތުން އެމް.ގެޕް ލިބިފައިވާ ދަނޑުވެރިން ދަނޑު ހެއްދުމުގައި ގަސްކާނާއާއި ކެމިކަލް ބޭނުންކުރާނީ ވަކި މިންގަނޑުތަކަކަށް، ފެންބޭނުންކުރުމުގައި އިސްރާފުވުން މަދުވާނެއެވެ. އަދި ވެށީގެ ރައްކާތެރިކަމަށާއި ތިމާގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ. ހަމަމިއާއެކު ހުރިހާ މަރުހަލާއެއްގައިވެސް ލިޔެކިއުން ބަހައްޓާނެއެވެ. ވީމާ ޖުމްލަ ގޮތެއްގައި އެމް.ގެޕް ސަރޓިފައިޑް ދަނޑުވެރިން އުފައްދާ ތަކެއްޗަކީ ތިމާވެއްޓާރައްޓެހި، ކާނާ އާއި ބޭސްބޭނުންކުރުމުގައި ބޭނުންކުރަންޖެހޭ މިންގަނޑުތަކަށް ތަބާވެ، ދެމެހެއްޓެނިވި އުސޫލުތަކުން އުފައްދާފައިވާ ތަކެއްޗަށް ވާނެ ކަމުގެ ޔަޤީކަން ގަންނަ ފަރާތްތަކަށް އޮންނާނެއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު